ކުޅިވަރު.
އައިޗީ-ނަގޯޔާ 2026 ވަނަ އަހަރުގެ 5 ވަނަ އޭޝިއަން ޕެރާ ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓަށް ގައުމީ ދިދައާއި ޖާޒީ ހަވާލުކުރުމަށް މާލޭގެ ޔޫތު ހަބުގައި ބޭއްވި ރަސްމިއްޔާތުގައި، ޕެރާ އެތުލީޓުންނަށް ހަމައެކަނި އެތުލެޓިކްސްގެ އިތުރުން އެހެނިހެން ކުޅިވަރުތަކުން ވެސް ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ ވިދާޅުވެފައެވެ. ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން "100 ސެލެބްރިޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް" ކެމްޕޭނަށް ވެސް ސަރުކާރުން ވަނީ ތާއީދުކޮށްފައެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރާ ދިވެހި ޕެރާ އެތުލީޓުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދެއްވައި، އެ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު ދެއްވައިފިއެވެ. ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "100 ސީޓީއެފްޕީ" (100 ސެލެބްރިޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް) ކެމްޕޭނަށް ތާއީދު ކުރެއްވި ފުރަތަމަ ވަޒީރަކަށް މިނިސްޓަރު ރާފިއު ވެވަޑައިގެންފައިވާއިރު، މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ދެ ޕެރާ އެތުލީޓުން ކަމަށްވާ ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދާއި ފާޠިމަތު އިބްރާހީމަށް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ހިތްވަރުގެ މެސެޖުތައް ހަވާލުކޮށްފައެވެ. ޔޫތު ހަބްގައި ކުރިއަށްދިޔަ މި ހަރަކާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އާއި މޯލްޑިވްސް ޕެރާލިމްޕިކް ކޮމިޓީގެ ރައީސާ ޢާއިޝަތު ނަޒްހަތު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ވަޒީރު ރާފިއު ވިދާޅުވީ ޕެރާ އެތުލީޓުންގެ ކުރިއެރުމަށް މަގުފަހިކޮށްދީ، އެތުލީޓުން ބާރުވެރިކުރުވުމަށްޓަކައި ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.