ކުޅިވަރު
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، 2025 ޑިސެމްބަރު 25 ވީ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި "ކާވާ ވުމަންސް ވޮލީބޯޅަ ކަޕް 2025" ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. ދިވެހިރާއްޖެއާއި ކިރިގިސްތާން ބައްދަލުކުރި މި ފޯރިގަދަ ފައިނަލް މެޗު 3-1 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރިގިސްތާނުން ކަމަށްވާއިރު، ރާއްޖެއަށް ލިބުނީ ރަނަރަޕްގެ މަޤާމެވެ. ފަސްޓް ލޭޑީ ވަނީ މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވައި، މެޗުގެ ކުރިން ދިވެހި ކުޅުންތެރިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ. މި ރަސްމިއްޔާތުގައި ކާވާގެ ރައީސް މުޙައްމަދު ލަތީފާއި، ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.